ސުލްޠާން އަޙްމަދު ޝިހާބުއްދީނު
ވިކިޕީޑިއާ އިން
ސުލްޠާން އަޙްމަދު ޝިހާބުއްދީނު ރަސްކަމަށް އިސްވެވަޑައިގަތީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އަވަހާރަ ވުމުންނެވެ. މިރަދުންގެ ކޮލީ ނަންފުޅަކީ ސިރީ ލޯކަ އާދީއްތަ މަހާރަދުންނެވެ. މިރަދުންގެ ބައްޕާފުޅަކީ ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު އެވެ. އިބްނިބަޠޫޠާ މިރަދުންނާ މެދު ލިއުއްވާފައިވަނީ މިފަދައިންނެވެ. "ޢުމަރުވީރު ރަސްގެފާނު އަވަހާރަވީއިރު ޝިހާބުއްދީނު ތަޞައްރަފެއް ނުފުދެއެވެ. އެހެންކަމުން އަލްވަޒީރު ޢަބްދުﷲ ބިން މުޙައްމަދު އަލްޙަޟްރަމީ، ޝިހާބުއްދީނުގެ މާތް މަންމާ އާއި ކާވަނި ކުރައްވައި ޝިހާބުއްދީނުގެ ބަދަލުގައި ރަސްކަން ހިންގަވައިދެއްވުމަށް ވެރިވެވަޑައިގެންފިއެވެ." މިވަޒީރު ފަހުން ކައިވެނި ބެއްލެވީ ޝިހާބުއްދީނުގެ މަންމާފުޅުގެ ދޮންދަރިކަނބަލުން އަދި އެ ރަދުންގެ ދައިތާފުޅު ސުލްޠާނާ ރެހެންދި ޚަދީޖާ އާ އެވެ. އަދި ފަހުން ސުލްޠާން މުޙައްމަދުލްޖަމީލު މިނަމުގައި ރަސްކަން ވެސް ކުރެއްވިއެވެ. މުޙައްމަދު އަމީނު ވިދާޅުވާ ގޮތުގައި ދިވެހިން އޭނާ އަށް ކިޔާއުޅެނީ ރީތި މުޙައްމަދެވެ. "ޝިހާބުއްދީނަށް ތަޞައްރަފު ފުދުމާއެކު، އަލްވަޒީރު ޢަބްދުﷲ ހުވަދު އަތޮޅަށް އަރުވާލައްވައި، ޝިހާބުއްދީނު ރަސްކަމަށް އިސްވެވަޑައިގެންފިއެވެ. އެއަށްފަހު އެއްމެ އިސް ވަޒީރެއް ކަމުގައި، ޝިހާބުއްދީނު، ޚިޔާރުކުރެއްވީ، ޢަލީ ކިލެގެއޭ ނަމަކަށް ކިޔާ، އޭނާގެ މިނިވަންކޮށްފައިވާ އަޅެކެވެ. ޢަލީކިލެގެގެ އެހީތެރިކަމާއެކު ޝިހާބުއްދީނު ރަސްކަމުގެ ކަންތައްތައް ހިންގަވަމުން ގެންދެވީ، 3 އަހަރު ވާންދެނެވެ. އެ މުއްދަތު ވޭތުވެ ދިއުމަށްފަހު، ޢަލީ ކިލެގެއަށް ވެސް ޖެހުނީ، އަލްވަޒީރު ޢަބްދުﷲ އަށް ޖެހުނު ޙާލެވެ. ޔަޢުނީ ހުވަދު އަތޮޅަށް އަރުވާލައްވައިފިއެވެ."
ސުލްޠާން މުޙައްމަދު ބިން ޢަބްދިﷲ އާރާސްތު ކުރެއްވި، ފުރާމާލޭ ހުކުރު މިސްކިތް ދެވަނަ ފަހަރަށް، އައު ކުރެއްވީ، ޝިހާބުއްދީނު ރަދުންގެ އަމުރުފުޅަށް 738ހ. ވަނަ އަހަރު އެވެ. އިބްނިބަޠޫޠާގެ ނަޒަރުގައި ސުލްޠާން އަޙްމަދު ޝިހާބުއްދީނަކީ، އަޚްލާޤީ ގޮތުން ތަޢުރީފުކުރެވޭފަދަ ބޭފުޅެއްނޫނެވެ. އެ ރަދުންގެ އަޚްލާޤާ މެދު އިބްނިބަޠޫޠާ ލިއުއްވާފައިވަނީ އަންނަނިވި ޢިބާރާތެވެ. "އާދަވެގެން ރޭގަނޑު ސަރުކާރުގެ ކުރިޔަށް ތިބި މީހުންގެ އަނބީންނާއި، އަދި، އާދައިގެ ދޯދިޔާ އަންހެނުންނާ އެކު ނަހަމަ ގޮތްތަކުގައި އުޅުއްވާ ކަމަށް ބުނެވެއެވެ." އިބްނި ބަޠޫޠާގެ ނަޒަރުގައި ޝިހާބުއްދީނު އަވަހާރަވީވެސް އެ ރަދުންގެ ހުރި ނުރަނގަޅު ސިފަތަކަށް ޓަކައި ރައްޔިތުން ނުރުހިގެން ހައްދުންމައްޗަށް އަރުވާލާފައި ވަނިކޮށެވެ. މާލެއިން މީހަކު ފޮނުވައި، ޝިހާބުއްދީނު އަވަހާރަކޮށްލީ ކަމުގައެވެ. ޝިހާބުއްދީނު ރަދުންގެ އަޚްލާޤާ މެދު ނުވަތަ އެ ރަދުން އަވަހާރަވީ ގޮތާ މެދު ޙަސަން ތާޖުއްދީނު އެއްވެސް އެއްޗެއް ލިޔުއްވާފައެއް ނުވެއެވެ. އިބްނި ބަޠޫޠާ ރާއްޖެއަށް ދުރުވީ، ޝިހާބުއްދީނު އަވަހާރަވިތާ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އެހެންކަމުން ޝިހާބުއްދީނާމެދު އޭނާ ލިޔުއްވާފައިވާ ވާހަކަތައް ބިނާ ކުރައްވާފައިވަނީ ހަރުދަނާ ބިންގަލެއްގެ މައްޗަށް ކަމާމެދު ޝައްކުކުރާންވީ ކަމެއް ނުވިސްނޭކަމަށް މުޙައްމަދު އަމީނު ވިދާޅުވެފައިވެއެވެ.
ކުރިން ހުންނެވީ: ސުލްޠާން ޖަލާލުއްދީނު ޢުމަރުވީރު |
ދިވެހިރާއްޖޭގެ ރަދުން މީލާދީން ސާދަވަނަ ޤަރުނު |
ފަހުން ވަޑައިގަތީ: ސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދިކިލެގެ |